ޣައްޒާގެ ދިފާއުގައި ލ. އަތޮޅުގައި ބާއްވާ ވެހިކަލް ބުރު، “މުޅި ލާމު ޣައްޒާ އާއެކު” މިއަދު ހަވީރު އޮންނާނެ އެވެ.
“މުޅި ލާމު ޣައްޒާ އާއެކު” ގެ ނަމުގައި ބާއްވާ ހަރަކާތަކީ ޣައްޒާ އާއެކު އަތޮޅުގެ ރައްޔިތުން ތިބިކަން ދައްކާލުމަށް، އެ އަތޮޅު ގަން އަދި ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި މަދަނީ ޖަމިއްޔާތައް ގުޅިގެން ބާއްވާ ހަރަކާތެކެވެ.
މި ހާއްސަ ވެހިކަލް ބުރު ފެށޭނީ ފޮނަދޫން، ފޮނަދޫ ކައުންސިލް ދޮރުމަތިން އަދި ގަމުން، ގަމު ތުނޑީ މަގުކޮޅުންނެވެ. އެ ދެ ސަރަހައްދުން ވެސް އިވެންޓް ފަށާނީ ހަވީރު 4 ޖަހާއިރު އެވެ. ވެހިކަލް ބުރު ނިންމުމަށް ހަމަޖެހިފައި ވަނީ ފޮނަދޫ މަގުކޮޅަށެވެ.
“މުޅި ލާމު ޣައްޒާ އާއެކު” ހަރަކާތް ހުށަހަޅައިދޭނީ އަހްމަދު ހަމީދު އާދަމެވެ. ހަރަކާތުގައި ދީނީ އިލްމުވެރިން ކަމަށްވާ ޝެއިހް ހާތިމް ޔޫސުފް އަދި ޝެއިހް އާދަމް ނިޝާން ބައިވެރިވާނެ އެވެ.
ހަރަކާތުގައި އެ އަތޮޅު މާބައިދޫގެ ޓީމެއް ވެސް ބައިވެރިވާނެ އެވެ.
ވެހިކަލް ބުރުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ގަން އަދި ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި މަދަނީ ޖަމިއްޔާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ހަރަކާތުގެ އިތުރުން ލ. މާވަށުގައި ވެސް މިއަދު ވެހިކަލް ބުރެއް އޮންނާނެ އެވެ.
ޣައްޒާގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މިދިޔަ ހުކުރު ދުވަހު މާލޭގައި ވެހިކަލެއް ބުރެއް ވަނީ ބާއްވާފަ އެވެ. އެ ހަރަކާތުގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.