
ސަރުކާރުގެ ފަރާތުން މުހިންމު ތިން ބިލެއް މަޖިލީހަށް ހުށަހަޅައި، އެ ބިލުތަކުގެ މަސައްކަތްތައް ކުރުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ޤާނޫނު އަސާސީއަށް އިޞްލާޙުގެނައުމަށް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލުތަކަކީ:
- ސަރުކާރުގެ ފަރާތުން, އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު.
- ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު.
- ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު.
ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް މަޖިލީހުގެ ދައުރު ފެށުމަށް ހަމަޖެހިފައި އޮންނަނީ ފެބްރުއަރީ މަހުގައެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވާ ތާރީޚެއް މަޖިލީހުން ހާމައެއް ނުކުރެއެވެ. ފާއިތުވި އަހަރު މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނީ ޑިސެމްބަރު މަހުގެ 3ވަނަ ދުވަހުއެވެ.

