ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަން ޖެހޭ މުހިންމު މަސައްކަތަކަށް ތާވަލެއްގެ ދަށުން ކަރަންޓުގެ ހިދުމަތް ކަނޑަން ޖެހިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިިން ރޭ “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ތާވަލެއްގެ ދަށުން އެކި ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން ކަމަށެވެ.
މަސައްކަތް ފަށަނީ ހިޔާގެ ފުރަތަމަ ޓަވަރުންނެވެ. މިއަދު ހެނދުނު 9 އިން ފެށިގެން ހަވީރު 5 އަށް މަސައްކަތް ހިނގާނެ ކަމަށް ސްޓެލްކޯއިިން ބުންޏެވެ.
އެ ކުންފުނިން ވަނީ މަސައްކަތް ކުރިއަށްދާ ވަގުތު ކޮންމެ އެޕާޓްމަންޓަކުން ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ފާހަގަކޮށް އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.