ދެހާސް ބާވީސް ވަނަ އަހަރު ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިކަމުގެ ތުހުމަތުގައި ބައެއް މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެނެސް އެކަމުގައި އަމަލީ ގޮތުން އުޅުނު މީހުންނަށް އެކަނި ދައުވާކުރަން ނިންމައިފި އެވެ.
އެ މައްސަލައިގައި 2022 ވަނަ އަހަރު 16 މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅުން ފަދަ މައްސަލަތަކުގައި ދައުވާކުރި މީހުން ހިމެނެ އެވެ.
ދައުވާ އުފުލި މީހުންގެ ތެރޭގައި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލާއި ޝެއިހް އާދަމް ނިޝާން އަދި ޝެއިހް ފަޒްލޫން މުހައްމަދު ހިމެނެ އެވެ.
ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މައްސަލާގައި ކޮށްފައިވާ ދައުވާތައް މުރާޖައާކުރުމަށްފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރިވި ކަމަށް ހެކި ގަރީނާ ލިބިފައިވާ މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދަައުވާތަށް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފަައިވާ ކަމަށެވެ.
އަދި އެ މައްސަލާގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ ދަައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންކަމުން އެ މައްސަލައިގައި ދެން ދައުވާތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަތް މީހެއްގެ މައްޗަށެވެ. އެ މީހުންނަށް ކޮށްފައިވަނީ ޓެރަރިސްޓު އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އޭގެ އަދަބަކީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އެ ދައުވާތައް ކުރީ:
- ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު
- ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިއު
- ރ. ކަނދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް
- ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހު
- މ. ކުދެހިގެ، ހަސަން ޝިފާޒު
- ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް
- މއ. ކަނުހުރާ، މުހައްމަދު ޛިލިއަން