
މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގައި ހުރި ކަންބޮޑުވުންތައް ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ހިއްސާކޮށްފި އެވެ.
އެމްޖޭއޭގެ ޓީމެއް މި ވަގުތު ހަރަކާތްތެރިވަމުން ދަނީ ސްރީލަންކާގަ އެވެ. އެ ޓީމުގައި ހިމެނެނީ އެމްޖޭއޭގެ ބާނީ އަހުމަދު ޒާހިރު (ހިރިގާ) އާއި، އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފް، ނައިބު ރައީސް މުހައްމަދު ޝަހުޒާން، އެގްޒެކެޓިވް ޑިރެކްޓަރު ޖުނައިދު ސަލީމް އެވެ.
އިއްޔެ ލަންކާއަށް ދިޔަ މި ޓީމުގައި މިއަދު ވަނީ ލަންކާގެ ނޫސްވެރިންގެ އެސޯސިއޭޝަން އާއި ޕްރެސް ކޮމްޕްލެއިންޓްސް ކައުންސިލާ ބައްދަލުކޮށްފަ އެވެ.
އެމްޖޭއޭން ނިންމާފައިވަނީ މިހާރު އޮތް ގާނޫނަށް ގޮންޖަހައި އެ ޖަމިއްޔާގެ އަމިއްލަ ޕްރެސް ކައުންސިލެއް އުފެއްދުމަށެވެ. މި ލަންކާ ދަތުރުގެ އެއް ބޭނުމަކީ ވެސް ވަރުގަދަ ޕްރެސް ކައުންސިލެއް ހިންގާނެ ގޮތުގެ ހިޔާލުތައް ބަދަލުކުރުމާއި ބައިނަލްއަގުވާމީ ދުނިޔޭގެ އެހީ ހޯދުން ކަމަށް އެނގިފައިވެ އެވެ.
ކުރިން އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު އަލަށް އުފެއްދި ކޮމިޝަނުގެ ތިން މެންބަރުން ކަނޑައެޅީ ރައްޔިތުންގެ މަޖިލީހުންނެވެ. ކޮމިޝަންގެ ރައީސް ވެސް ކަނޑައެޅީ މަޖިލީހުންނެވެ. ހަތަރު މެންބަރުން ހޮވަން ޖެހެނީ މީޑިއާތަކުން ނަމަވެސް އިންތިހާބަކާ ނުލާ ހަތަރު މެންބަރުން އިންތިހާބުވި އެވެ.
މިއިން ކޮންމެ މެންބަރެއް ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބެ އެވެ. އެހެންވެ އެމްޖޭއޭން ދެކެނީ އެއީ ސިޔާސީ ނުފޫޒު އޮތް ކޮމިޝަނެއް ގޮތަށެވެ.

