
މީސްތަކުންނަށް ހިނގާބިނގާވެ އުޅުމަށް ނުވަތަ އެހެންވެސް ގެއްލުމެއް ލިބޭ ގޮތަށް ހުންނަ ގަސް ކެނޑުމަކީ ހުއްދަކަމެއް ކަމަށާއި އެކަމުން ސަވާބު ލިބޭނެކަމަށް އިސްލާމީ ކަންކަންމާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޖުތަމަޢުއަށް ހިޔާ ލިބޭ ނުވަތަ މޭވާއާއި އެހެނިހެން ފައިދާ ލިބޭ ގަސްގަހާގެހި ރައްކާތެރިކުރުމަށް އިސްލާމްދީން ބާރު އަޅުއްވާކަމަށާއި މީހުންގެ ގެދޮރަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހުގެ ގޮފިތަކާއި މޫތައް، ގެއްލުމުގެ މިނަށް ބަލައި ކެނޑުން ލާޒިމްވާނެކަމަށެވެ.
“ކީރިތި ރަސޫލާގެ ސުންނަތުން ވާރިދުވެފައިވާ ޙަދީޘްއެއްގައިވާ ގޮތުން މީސްތަކުންނަށް ގެއްލުންވާ ގޮތަށް މަގުމަތީގައި ހުރި ގަހެއްގެ ގޮފި ކަނޑާލުމުން، މާތްﷲ އެކަން ކުރިމީހާއަށް ރަޙްމަތްލައްވައި އޭނާގެ ފާފަތައް ފުއްސަވައި ދެއްވިއެވެ.” ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، ގަސް އިންދުމާއި ގަސްތައް އިތުރުކުރުމާއި ވަކިން ޚާއްޞަކޮށް މޭވާއާއި ހިޔާ ލިބޭ ގަސްގަހާގެހި އިތުރު ކުރުމަކީ އިސްލާމީ ނަޒަރުން ބަލާއިރު ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި އެއްވެސް ސަބަބަކާ ނުލައި ގަހެއް ކަނޑައިލުމަކީ ފާފަވެރިވެދާނެ ކަމެއްކަމަށާއި މުޖުތަމަޢުގައި އިސްކުރަން ވާނީ އިންސާނުންގެ މަޞްޙަތުކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ވިލިމާލޭގައި ހުރި ޒަމާންވީ ނިކަ ގަހެއް، ސަރުކާރުން ހިނގާ މަޝްރޫއަކާ ގުޅިގެން ކަނޑާލުމަށް ސަރުކާރުން ނިންމުމުން އެކަމާ ދެކޮޅަށް ތިމާވެއްޓަށް ލޯބިކުރާ ބައެއް ފަރާތްތަކުން ކޮންބޮޑުވުން ފާޅުކޮށް އަޑު އުފުލާފައިވެއެވެ.

