
މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދައެއް ނުދޭނެ ކަމަށާ އެއީ މި ސަރުކާރުން ޤަބޫލު ކުރާނެކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރީންނާ ބައްދަލުކުރައްވައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަލާއި އޫރުމަސް ރަށްރަށުގައި ވިއްކުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި މި ސަރުކާރުން ތާޢީދު ކުރާނެ، އަދި ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ސަފާރީތަކުން ރަލާއި އެ ނޫން މަނާތަކެތި ބާލައި، ރަށްރަށަށް އަރުވާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ސަރުކާރުން ދެކިލައްވާ ކަމެއް ކަމަށެވެ. އަދި އެކަންކަން ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ތޯރިޤު ވިދާޅުވިއެވެ.
ރިސޯޓްތަކުގައި ފަތުރުވެރިންނަށް ދޭ ޚިދުމަތްތައް ރަށްރަށުން ނުދެވުމަކީ ބޭއިންސާފެއް ކަމަށާ އެއީ ކަންބޮޑުވާ ކަމެއް ކަަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވާތީ، އެކަން ކުށްވެރި ކުރައްވާ ރާއްޖޭގެ ބައެއް ޢިލްމުވެރިންނާއި އަދާލަތު ޕާޓީން ވެސް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

