
2021ވަނަ އަހަރުގެ ޖޫން މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުތެރެއިން، މަރާލުމަށްފަހު ފޮއްޓެއްގެ(ލަގެޖް) ތެރެއަށް ލާފައިވާ 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލަ 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވެއްޖެއެވެ.
މި މައްސަލާގައި 13 އަހަރުގެ ކުއްޖާ މަރާލިކަމަށް ތުޙުމަތު ކުރެވުނު 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓަށް ހުށަހެޅީ، ޤަޞްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާއެވެ. އެގޮތުން މި ދަޢުވާތައް 17 އަހަރުގެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް އެކޯޓުން ޙުކުމްކުރީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
މި މައްސަލަ ސާބިތުވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާ 10 މަހާއި، 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދު ކުރުމަށް އަމުރުކޮށް، ޙުކުމް ކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި، 6 މަހާއި 2 ދުވަސް އުނިކުރުމުން ތަންފީޛު ކުރަންޖެހޭ މުއްދަތަކީ، 12 އަހަރާ 4 މަހާއި، 5 ދުވަސް ކަމުގައި ކަނޑައަޅައި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކުރުމަށް އަމުރުކުރައްވާފައިވާއިރު، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލާގައި ދަޢުވާ ލިބޭ އިބްރާހީމް ޒިހާނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ކަމަށާއި، އެ މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި ކަމަށް އެކޯޓުން ބުނެއެވެ.

