
ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ އަމާންދޯދި އަދި އަމާން އުދަރެސްގެ ހުރިހާ ފްލެޓްތަކެއްގެ ތަޅުދަނޑިތައް މި މަހުގެ 25ގެ ކުރީން ޙަވާލުކޮށް ނިމޭނެކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާޏް ޝަކީލް ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީއާ ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ 4000 ފްލެޓްގެ ވެރީންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް މިހާރު ވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އެންމެ ލަސްވެގެން ވެސް މި މަހުގެ 25ގެ ކުރީން ނިންމައިލެވޭނެ ކަމަށެވެ. އަދި ފްލެޓް ލިބުނު ގިނަ ފަރާތްތަކެއް މި ވަގުތު މާލެއިން ބޭރުގައި އުޅޭތީ ފްލެޓް ޙަވާލުކުރުން ތާވަލުކޮށްފައިވާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރަން ބޭނުންވާ ނަމަ އެ ޔުނިޓެއްގެ ވެރިފަރާތުގެ އީމެއިލުން ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާ އެކު އެފްޑީސީއަށް މެއިލްކޮށްލުމުން ޔުނިޓު ހަވާލުކުރުން އެހެން ދުވަހަކަށް ތާވަލްކޮށްދޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.
އެ ފްލެޓްތަކަށް ނުވަދެވި ލަސްވަމުންދާތީ އާންމުންގެ މީހަކު ކުރި ޝަކުވާއަކާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ، މައްޗަށްގޮޅީގެ ރައްޔިތުންނާ ކުރެއްވި ބައްދަލުވުމުގައި، ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމުގެ ކުރީން ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖު ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)އިން މިހާރު ވަނީ 4000 ފްލެޓްގެ ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކޮށްފައެވެ. އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި އެމްޑަބްލިޔުއެސްސީއިން ބުނީ، އަމާން ދޯދި އަދި އަމާން އުދަރެހުގެ ހުރިހާ ޓަވަރަކަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ޤާއިމުކޮށް، ޓެސްޓުކުރުމާއި ކޮމިޝަންކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އަދި ޓަވަރުތަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ވެސް ހަރުކޮށް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފައިވެއެވެ.

