
ރާއްޖޭގެ ޓޫރިޒަމް މި ދުވަސްވަރަކީ “ޕީކް ސީޒަން”އަށް ވުމާ އެކު، މި މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހަކަށް އިއްޔެ ވެއްޖެއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށްފައިވާ ދުވަހު ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނި ވެސް 11,136 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މި މަހުގެ އެހެން ދުވަސްތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.
ފެބްރުއަރީ މަހު ތަފާސް ހިސާބުތައް
އެންމެ ގިނަ ފަތުރުވެރިން އައި ދުވަސް : 14 ފެބްރުއަރީ (11,136 ފަތުރުވެރިން)
މި މަހުގެ ދެވަނައަށް އެންމެ ގިނަ މީހުން އައި ދުވަސް : 8 ފެބްރުއަރީ (10,462 ފަތުރުވެރިން)
ފަތުރުވެރިން މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ އެކަކުން 14ގެ ނިޔަލަށް ޖުމްލަ 125,202 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ފަތުރުވެރިން އެންމެ ގިނައިން ތިބީ ރިސޯޓުތަކުގައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ޖުމްލަ ފަތުރުވެރިންގެ 68.1% ހިއްސާކުރަނީ ރިސޯޓުތަކެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 26.9% ފަތުރުވެރިން ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 349,990 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ މި ދުވަސްވަރު، ގިނަ އެއާލައިންތަކަކުން ދަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުންނެވެ.

