އިއްޔެ ސޯޝަލް މީޑިއާއިން މާގިނައިން ލިލީތަކެއް ފެންނަން ފަށައިފި އެވެ. ލިލީ މާ ތަކަކާއިއެކު އެންމެ ފުރަތަމަ ފޮޓޯއެއް ލީ ބަތަލާ އައިޝާ އަލީ އެވެ. އޭނާ އެހީ ލިލީ ލިބިއްޖެ ހެއްޔެވެ؟ އޭގެ ފަހުން ފެނުނީ އެތައް ބަޔަކަށް ލިލީ ބަހަމުން ފޮޓޯތައް އާންމު ކުރަމުން ދިޔަ ތަނެވެ.
ލިލީ ބަހަނީ އައިޝާގެ އިތުރުން އެކްޓަރު އަހުމަދު ޝާރިފް އަދި މުހައްމަދު އިޝްފާން އެވެ. އެކްޓަރުންނާ ލަވަކިޔުންތެރިންނުން ފެށިގެން ސޯޝަލް މީޑިއާ އިންފްލުއެންސަރުންނާއި އާންމުންގެ ތެރެއިން ގިނަ މީހުންތަކަކަށްވެސް ލިލީ ބެހި އެވެ.
މި ކެމްޕެއިންއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ. އެކަމަކު އެންމެ ލިޔަނީ ލިލީ ލިބިއްޖެ؟ މިހެންނެވެ. ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯގެ ސޯޝަލް މީޑިއާގައި މިފޮޓޯތައް ވަނީ އާންމު ކޮށްފަ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އެ ސްޓޫޑިއޯއިން ވަނީ އެމީހުންގެ އަލަތު ފިލްމުގެ ފުރަތަމަ ފެނިލުން ދައްކާލައިފަ އެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިއީ ފިލްމާއި ގުޅުންހުރި ކެމްޕެއިނެކެވެ. ކަށަވަރުކަމާއިއެކު މިހެން ދަންނަވަން ނޭނގުނަސް ލިލީ ބަހަނީ ފިލްމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ތަރިންކަމަށްވެސް ބެލެވެ އެވެ.
ކްރިއޭޓިވް ނެޓްވޯކުގެ އަލަތު ފީޗާ ފިލްމުގެ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ. އެހެންނަމަވެސް ފުރަތަމަ ވީޑިއޯކޮޅުގައި އައިޝާގެ އަޑު އިވެ އެވެ. ފިލްމުގެ ނަމެއް އަދި ސިނަމާގައި އަޅުވާ ތާރީހެއްވެސް އަދި ނޭނގެ އެވެ. މި އަހަރު ފިލްމު ސިނަމާއަށް އަންނަކަން އެ ސްޓޫޑިއޯއިން ކަށަވަރުކޮށްދެ އެވެ.
މި އަހަރު ގިނަ ފިލްމުތަކެއް ސިނަމާއަށް އަންނަކަން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން މިހާރު ސިނަމާގައި އަޅުވަމުންދާ ފާތިމަތު ނަހުލާގެ “ސޮރީ” އަށްފަހު ދެން އަންނާނީ އިލިޔާސް ވަހީދުގެ “ލޯބިން…؟” އެވެ. އޭގެ ފަހުން ހުސައިން މުނައްވަރުގެ “ކަނބުލޮ” ވެސް ސިނަމާއަށް އަންނާނެ އެވެ.