
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމަށާއި މިހިނގާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން، ރައީސް ހޮވަން ބާއްވާ އިންތިހާބާ އެކުގައެވެ.
އެ އިސްލާހުގައި، މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަސް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މި ބިލު ފާސްވުމާ އެކު، މިހާރު މިހިނގާ 20ވަނަ މަޖިލީހުގެ ދައުރު ގާތްގަނޑަކަށް 5 މަހަށް ކުރުވެގެންދާނެއެވެ.
އެ ބިލު ދިރާސާ ކުރުމަށް ފަހު އިއްޔެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމި ގޮތަށް، މިއަދު ވަނީ މަޖިލީހުގެ ތަޅުމުން ބިލު ފާސްކޮށްފައެވެ. ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ވޯޓުންނެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ މި ބިލާ ދެކޮޅު ހަދާފައެވެ. އެމްޑީޕީން ބުނާ ގޮތުގައި، އިންތިހާބު ބާއްވަން ހިނގާ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން މި އިސްލާހު ގެންނަނީ، ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވައި، ގާނޫނުއަސާސީން ރައްޔިތުންނަށް ލިއްބައިދޭ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށެވެ.
މިއަދު އެ ބިލަށް ބަހުސް ކުރިއިރު ވެސް އެމްޑީޕީ މެންބަރުން ވަނީ ތަޅުމުގައި އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖުކުރި މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުން ނެރެފައެވެ.
މި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު، 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2029ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބު ބާއްވަން ޖެހޭނީ އެކީގައެވެ. އަދި މި ހިނގާ 20ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028އަށް ހަމަވާނެއެވެ.

