އެމްޑީޕީގެ މިދިޔަ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން 10 ބިލިއަނެއްހާ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ސަލީމް އެހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ގައުމުގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭގޮތުން މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ދިރާސާތަކެއް ހަދަމުން އަންނަ ކަަމަށް ސަލީމް ވިދާޅުވި އެވެ. އެ މަސައްކަތުގެ ތެރެއިން 2018 އިން 2023 ގެ ނިޔަލަށް ފާހަގަވެފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާލެއްވި އެވެ.
މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި ގޮތުގައި ބޮޑު އަގުގައި ތަކެތި ގަނެގެންނާއި މަސައްކަތް ހަވާލުކޮށްގެން ހަމައެކަނި ފެނަކަ ކޯޕަރޭޝަނަށް ހަތަރު ބިލިއަނެއްހާ ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ. އެ ފައިސާއަކީ ކުންފުންޏަށް ވި ގެއްލުމެއްގެ ބަދަލުގައި “ވަގަށް ނަގާފައިވާ” ފައިސާ ކަމަށް ތުހުމަތު ކުރެއްވި އެވެ.
“މުޅި ހުރިހާ ކުންފުންޏަކަށް ބަލާއިރު، ގާތްގަނޑަކަށް އެ ފަސް އަހަރުގެ ތެރޭގައި އެ ކުންފުނިތަކުން 10 ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ހަމަ ސީދާ ވަގަށް ނަގާފައި. މި ދެންނެވީ ބާޒާރުގައި ހުންނަ އަގުތަކަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެގެންނާއި ބޮޑު އަގުގައި މަސައްކަތްތައް ދީގެން 10 ބިލިއަނާ ކައިރިއަށް އެބަހުރި،” ސަލީމް ވިދާޅުވި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވީ ކުންފުނިތަކުގެ މާލީ ހާލަތަކީ އާންމުންނަށް ސާފުކޮށް އެނގެން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެ ތަފުސީލުތައް ތަކުރާރުކޮށް އާންމުންނަށް ހަނދާންކޮށް ނުދޭ ނަމަ ކަމުގެ ހަގީގަތާއި ވެރިކަމާ ހަވާލުވިއިރު އޮތް ހާލަތު އާންމުންނަށް ނޭނގޭނޭކަން ފާހަގަކުރެއްވި އެވެ.
ސަރުކާރާ ހަވާލުވިއިރު، ގައުމުގެ އިގުތިސޯދީ ހާލަތު އޮތީ ގޯސްކޮށްކަން އެނގުނު ނަމަވެސް ހާލަތު އޮތީ ލަފާކުރެއްވި ވަަރަށް ވުރެ ވެސް ގޯސްކޮށް ކަމަށް ސަލީމް ވިދާޅުވި އެވެ.
މަޖިލިހުގައި ހަތަރު ވަނަ ދައުރު ފުރިހަމަ ކުރައްވާފައިވާ މެމްބަރު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ގައުމަށް ލިބޭ ފައިސާއަކުން ބޮޑެތި ދަރަނިތަކެއް ނުނަގައި ކަންކަން ހަމަޖައްސަަވަމުން ކަމުގަ އެވެ.
“މުސާރަ ދޭކަށް އަޅުގަނޑުމެން ނުޖެހޭ ވިޔަފާރިވެރިއެއް ކައިރިއަށް ގޮސްފައި ލާރި ހޯދާކަށެއް. މުސާރަ ވެސް ބަރާބަރަށް މަހުން މަހަށް، ދުވަހުން ދުވަހަށް ދޭ. މީގެ ކުރީގެ ސަރުކާރުތަކުގައި ބޮޑެތި މުއްސަނދިންގެ ކިބައިން ފައިސާ ހޯދައިގެން މުސާރަ ދީފައި ހުރިކަން އަޅުގަނޑުމެންނަށް އިނގެއޭ،” ސަލީމް ވިދާޅުވި އެވެ.
އޭދަފުށި ދާއިރާގެ މެމްބަރު ވިދާޅުވީ ގައުމު މިހާ ދަތި ހާލުގައި އޮތްއިރު ވެސް، ސަރުކާރުގެ ތެރެއިން މުސާރަ އާއި އިނާޔަތްތަކާއި އެހެނިހެން ކަންކަން ހަމަޖައްސަމުން ގެންދިއުމަކީ އާދައިގެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމުގައި ރައީސް ދައްކަވަމުން ގެންދަވާ ކުޅަދާނަ ކަމަށް ޝުކުރު ދަންނަވަން ޖެހޭ ކަމަށެވެ.