
މިފްކޯއަށް މަސްކިރާ ފަރާތްތަކަށް، އެ ކުންފުނިން ތެޔޮ ވިއްކާ އަގު މިއަދުން ފެށިގެން ދަށްކޮށްފިއެވެ.
އެކަން އިއުލާނު ކުރެއްވީ ރޭ ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް ވިދާޅުވޯ، މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް ތެޔޮ ވިއްކާނީ 13.90 ރުފިޔާއަށް ކަމަށާއި އާންމު ފަރާތްތަކަށް އެ ކުންފުނިން ތެޔޮ ވިއްކާނީ 14.43 ރުފިޔާއަށް ކަމަށެވެ.
އެހެންކަމުން، މި ބަދަލާއެކު މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުން އެވްރެޖުކޮށް 51 ލާރި އަގުހެޔޮވެގެންދާނެ ކަމަށާއި 3 ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވަރެޖުކޮށް 71 ލާރި، ތެލުން އަގުހެޔޮވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ވެސް ކޮންމެ ވެސް އެއް ރަށަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ އަމަލީ މަސައްކަތްވެސް އިއްޔެ ވަނީ ފަށައިފައެވެ. އެންމެ ފުރަތަމަ އެފަދަ ޝެޑެއް ގާއިމްކޮށް ހިދުމަތް ދޭން ފަށާފައި ވަނީ ދުވާފަރުގައެވެ. ރައީސް ރޭ ވިދާޅުވީ އަންނަ އަހަރުގެ މާޗުގެ ނިޔަލަށް އެ ވައުދު ފުއްދައިދެއްވާނެ ކަމަށެވެ.

