
މި ހަނގުރާމައާއެކު މެދުއިރުމައްޗަށް އޮތް ޓޫރިޒަމްގެ ބަރޯސާ ކުޑަކުރަން މަސައްކަތް ފަށާފައިވާ ކަމަށް ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯ އިން ބުނެފިއެވެ.
ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ފައުންޑަރު މުހައްމަދު ޝާޒު ވަލީދު ވިދާޅުވީ މި ވަގުތަކީ ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާއި މިއީ ޓޫރިޒަމްގައި މެެދުއިރުމައްޗަށް އޮތް ބަރޯސާ ކުޑަކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ވަގުތެވެ.
“އަޅުގަނޑުމެން އެބައޮތް މިކަމުން އަރައިގަނެވޭނެކަން. މިއީ އަބަދުވެސް ވިސްނަންވީ ރަނގަޅު މަގެއް ކަމަށްމިއީ. އިންޑަސްޓްރީގެ ވާހަކަ މިހާރު ނުދައްކާ ގައުމުގެ ކުރިމަގު ބައްޓަން ކުރަން،” ވަލީދު ވިދާޅުވިއެވެ.
ވަލީދު ވިދާޅުވީ މިހާލަތުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. އަދި މިއީ ޓެކްސްތަކާއި ފީތައްވެސް ކުޑަކޮށްގެން ޓޫރިސްޓުން ގެންނަން ބާރު އަޅަން ޖެހޭ ކަމަށް ވަލީދު ވިދާޅުވެއްޖެއެވެ. ވަލީދު ވިދާޅުވީ މިވަގުތަކީ އެއާޕޯޓް ޑިއުޓީ ފްރީފަދަ ވަސީލަތްތަކުން ނަގާ ފީވެސް ކުޑަކޮށްގެން ޓޫރިސްޓުން ގެންނަން ހިތްވަރު ދޭން ޖެހެއެވެ.
މި ޕްރޮގްރާމުގައި މަޓާޓޯގެ ސީއީއޯ ބައްސާމް އާދަމް ވިދާޅުވީ މި ވަގުތު ވިސްނަން ޖެހެނީ ރާއްޖޭގެ ބްރޭންޑް ހުރިގޮތަށް ބަލައިގެން ކުރިއަށް ދާށެވެ.
ބައްސާމް ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ކުރިމަތިވާ ދަތިތަކުގައި ދިވެހިން ހިންގާ ރިސޯޓްތަކުން އެއްބާރުލުންދޭ، ނަމަވެސް ބޭރުގެ އޯނަރުން ހިންގާ ބައެއް ރިސޯޓްތަކުން އެއްބާރުލުން ނުލިބޭކަން ހިތާމައާއެކު ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

