ކުރިއަށް އޮތް މިނިވަން ދުވަހަ ގުޅިގެން ބާއްވާ ހަރަކާތްތައް ކުރިއަށްދާ ތަންތަނުގައި ޕާކުކޮށްފައިވާ އުޅަނދުތައް ދުރާލާ ނަގަން ފުލުހުން އަންގައިފި އެވެ.
ފުލުހުން މިއަދު ވަނީ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުގެ ޗާޓެއް ވެސް އާންމުކޮށްފަ އެވެ.
އަދި އެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް މާދަމާ ހައެއް ޖެހުމުގެ ކުރިން ނެގުމަށް ވަނީ އަންގައިފަ އެވެ.
އަދި އޭގެ ފަހުން އެ ސަރަހައްދުތަކުގައި ހުންނަ އުޅަނދުތައް ރީ ލޮކޭޓް ކުރުމާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ވެސް ފުލުހުން ބުންޏެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް 2025 ޖުލައި 24 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނެންގެވުމަށް ދަންނަވަން.
1/3 pic.twitter.com/inhYkGWbWH— Maldives Police (@PoliceMv) July 23, 2025
“މި ކަންކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަން.” ފުލުހުން ބުންޏެވެ.
މި ފަހަރު ފާހަގަކުރަނީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ކަމަށްވާތީ އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ވަނީ ނިންމައިފަ އެވެ. އެ ހަފްލާގައި ބައިވެރިވުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ރާއްޖެ ވަޑައިގަންނަވާނެ އެވެ.