
އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ގާއިމުކުރި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު މިއަދު ހުޅުވައިފި އެވެ.
މާފަންނުގައި ގާއިމުކުރި އެ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު މިއަދު ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ވޭސްޓްމެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑުން ތަރައްގީކުރި އެ ސެންޓަރު މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ ތިން ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.
އަދި ޢާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދަވާނެއެވެ. އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކުރައްވައި، އެކުދިންގެ ހެދިބޮޑުވުން މޮނިޓާކޮށް، ވެކްސިން ދިނުން ފަދަ ހިދުމަތްތައް އެ ސެންޓަރުން ފޯރުކޮށްދޭނެ އެވެ. ހަމައެއާއެކު ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ހިދުމަތްވެސް އެ ސެންޓަރުން ލިބޭނެ އެވެ.
ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާއުވުމަކީ ސިއްހީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، އެފަދަ އިތުރު ފަސް ސެންޓަރު މާލެ ސަރަހައްދުގައި ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން މާލޭގައި ތިން ސެންޓަރު އަދި ހުޅުމާލޭގައި ދެ ސެންޓަރު ތަރައްގީ ކުރާނެ އެވެ.
ސިއްހީ ދާއިރާ ހަރުދަނާކުރުމަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ ދާއިރާއަކީވެސް ސިއްހީ ދާއިރާއެވެ.

