މާލޭގެ ގޭގޭގެ ނަން ބޯޑުތައް އާންމުކޮށް ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
މާލޭ ސިޓީ ކައުންސިލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލްގެ ފަރާތުން ރަސްމީ ބޭނުންތަކުގައި މާލެއާއި ވިލިމާލޭގެ ގޭގެއަށް ޒިޔާރަތް ކުރާއިރު ބައެއް ގެތަކުގައި އާއްމުކޮށް ފެންނަ ގޮތަށް ގޭގޭގެ ނަންބޯޑު ހަރުކޮށްފައި ނުހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރަސްމީ ބޭނުންތަކާއި އެހެނިހެން ކަންކަމުގައި ގޭގެއަށް ޒިޔާރަތް ކުރާއިރު ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ހިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަން ސިޓީ ކައުންސިލުން ފާހަގަ ކުރެއެވެ.
އަދި އެކަންކަން ހައްލު ކުރުމަށް މިއަދުން ފެށިގެން ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބެހެއްޓުމަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މިކަމަށް ދީފައިވާ މުއްދަތު އެ ކައުންސިލުން ހާމަކޮށްފައި ނުވާއިރު އެގ އަމަލުނުކޮށްފިނަމަ އަޅާނެ ފިޔަވަޅެއް ވެސް ހާމައެއް ނުކުރެ އެވެ.