މަލޭގެ ނޯތު ހާބަރު ހިންގުން އެއްކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ދަށަށް ބަދަލުކޮށްފި އެވެ.
ނޯތު ހާބަރު ސަރަހައްދު ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް އެމްޕީއެލްއާއި ހަވާލުކުރީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި އެމްޕީއެލްއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ އެއްބަސްވުމުގެ ދަށުން، މިދިޔަ ޖޫން މަހުން ފެށިގެން، މާލޭގެ އުތުރު ފަރާތު ބަނދަރު، އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމައަށް ވަނީ އެމްޕީއެލްއާ ހަވާލުކޮށްފަ އެވެ.
އެހެންކަމުން، އެ ބަނދަރު ދެން ހިންގައި ބަލަހައްޓާނީ، އެމްޕީއެލްގެ މާލޭ ނޯތު ހާބަރުގެ ދަށުންނެވެ.
އެ ބަދަލާއެކު އަންނަ މަހުން ފެށިގެން މާލޭ ނޯތު ހާބަރުން ހިދުމަތް ފޯރުކޮށްދޭނީ އެ ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށެވެ. އަދި މާލެ ނޯތު ހާބަރުގެ ހިދުމަތް ހޯދުމަށް ބޭނުންވާ އުޅަނދުފަހަރުތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވަނީ ހުޅުވާލެވިފަ އެވެ.
މާލޭ ނޯތު ހާބަރުގައި އުޅަނދު ފަހަރު ރަޖިސްޓްރީކުރުމަށް ހާބަރ ސޮފްޓްވެއަރގެ ޕޯޓަލް މެދުވެރިކޮށް ކުރެވޭނެއެވެ. އަދި އެ ޕޯޓަލްއިން މާލޭ ނޯތު ހާބަރުން ބޭނުންވާ ހިދުމަތްތަކަށް އެދެވިދާނެ އެވެ.
މާލޭ ނޯތު ހާބަރުގެ ކީވޯލްއިން ކުރިން 32 އުޅަނދަށް ޖާގަ ދެވުނު ނަމަވެސް، ނޯތު ހާބަރުގެ ސަރަހައްދަށް މިއައި ބަދަލާއި ގުޅިގެން މުދަލާއި ޕަސެންޖަރުން އުފުލުމަށް 54 އުޅަނދަކަށް އެ ހާބަރުން ޖާގަ ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި މަސް ދޯނި ފަހަރަށް ހާއްސަކުރެވިފައިވާ 20 ޖާގަ ހިމެނިފައިވާނެ ކަމަށާއި އެހެންކަމުން މާލޭ ނޯތު ހާބަރުގެ ކީ ވޯލްއިން މިހާރު އެއްފަހަރާ 74 އުޅަނދަކަށް ޖާގަ ދެވޭނެ ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.
އެއާއެކި ދެން 25 އުޅަނދު ވެއިޓިން ގައި މަޑުކުރުމަށް ފުރުސަތު ލިބެގެންދާނެ އެވެ.
އެ ބަދަލާއި ގުޅިގެން މާލޭ ނޯތު ހާބަރުގެ ކީވޯލް ތަކުގެ މަރާމާތުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރަމުންނެވެ.
“އަދި ހިދުމަތް ހޯދާ އުޅަނދުތަކަށް ވާ އައްސާ މޫޓް ތަކާއި ފައްތިޔާ ބުޑު އެޅުމުގެ މަަސައްކަތް މިހާރުވެސް ދަނީ ކުރިޔަށެވެ.
މިގޮތުން ފަޅުގެ މެދުން ލައިނަކަށް ފަސް ފޫޓް ފަސް ފޫޓްގެ ދިހަ ކޮންކްރީޓް ބުޑު ފައްތާ ޗޭނަކުން ގުޅާލުމުގެ މަސައްކަތްވެސް ދަނީ ކުރިޔަށެވެ.
އަދި ޒޯންތައް ފާހަގަ ވާނެ ގޮތަށް ސައިން ބޯޑްތަކެއް ހަރުކުރެވޭނެއެވެ.” އެމްޕީއެލްއިން ނެރުނު ބަޔާނުގައި ބުންޏެވެ.