
ރޭ އާންމުކުރި “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު” ގެ ދަށުން ދޫކުރާ 15000 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުވަރީ މަހު ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިއީ “އެންމެންނަށް ބޯހިޔާވަހިކަން” ސިޔާސަތުގެ ދަށުން ސަރުކާރު ހުޅުވާލާ ފުރަތަމަ ސްކީމެވެ. މިއީ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިން ބިން ދޫކުރާ ސްކީމެކެވެ.
ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން ބުނީ އެ އުސޫލުގެ ދަށުން ގޯއްޗަށް އެދުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ޖެނުވަރީ 4، 2026 އިން މާޗް 3، 2026 ގެ ނިޔަލަށް ކަމަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައި ވަނީ 1250 އަކަފޫޓުގެ 15000 ގޯއްޗެވެ. މި ގޯތިތައް ދޫކުރަނީ ތިން ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ކެޓެގަރީއަކީ މާލޭގެ ރަށްވެހިންނަށް ދޭ 10،000 ގޯއްޗެވެ. މި ގޯތިތައް ތިން ބަޔަކަށް ބަހާފައިވެ އެވެ. އެއީ؛
- އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް – 7000 ގޯތި
- މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް – 1000 ގޯތި
- ފަހުން މާލޭ ގެއެއްގެ ރަޖިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް – 2000 ގޯތި
ދެވަނަ ކެޓެގަރީ އަކީ މާލޭގައި އުޅޭ އެހެން ރަށްވެހިންނަށް ދޫކުރާ ގޯއްޗެވެ. އެ ކެޓެގަރީގެ ދަށުން 3000 ގޯތި ދޫކުރަން ހަމަޖެހިފައިވެ އެވެ.
ތިންވަނަ ގެޓެގަރީ ދެ ބަޔަކަށް ބަހާލާފައިވެ އެވެ. އެއީ؛
- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކު ކުރުމުން މަހުރޫމްވެފައިވުން – 500 ގޯތި
- މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީ ކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސިގެން ގޯތި ބަދަލުކުރާ ފަރާތްތައް – 1500 ގޯތި

