ފާހަގަކުރަމުން މިދާ ފިތުރު އީދު ދުވަހާ ގުޅިގެން މިއަދު ހަވީރު މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ނެރުނު އިއުލާނުގައި ބުނީ މިއަދު ހަވީރު 4 އިން 6 އަށް މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ހަވީރު 4 އިން ފެށިގެން މިރޭ 11:30 އަށް ބަރު އުޅަނދު ދުއްވުމަކީ ވެސް މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް އިއުލާނުގައިވެ އެވެ.
އާންމު އުޅަނދުތައް އެ ވަގުތުތަކުގައި ދުއްވުން މަނާކުރި ނަމަވެސް ހަ ބާވަތެއްގެ އުޅަނދުތަކަށް ދުއްވުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެއީ:
- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
- އެމްބިއުލެންސް
- ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ އުޅަނދު
- ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް
- ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް
- އީދު ދުވަހުގެ އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އުޅަނދުތައް
މި އެންގުމާއި ހިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން އެގޮތަށް އިއުލާނުކޮށްފައިވާއިރު، މާލެ ސިޓީ ކައުންސިލުން ވެސް ވަނީ އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކޮށް އިއުލާނެއް ނެރެފަ އެވެ.
ސިޓީ ކައުންސިލުން ރޭ ނެރުނު އިއުލާނުގައި ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ ކައުންސިލުގެ ރަސްމީ އާންމު ބައްދަލުވުމަކުން ނިންމާފައިވާ ކަމަށެވެ.
އިތުރަށް ބުނި ގޮތުގައި އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގަ އެވެ.