މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ގްލޯބަލް ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
މި ދެ ޕަމްޕު ސިޓީ ކައުންސިލަށް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މަޢުލޫމާތު ސާފު ކުރުން ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވަނީ، މާދަމާ ހެނދުނު 10:00 ޖަހާއިރު މާލެ ސިޓީ ކައުންސިލްގެ އިދާރާ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ.
މި ކަމާގުޅޭ އަގު ހުށެހެޅުން އޮންނާނީ، މި މަހުގެ 31 ވަނަ ދުވަހު ހެނދުނު 9:00 ޖަހާއިރު މާލެ ސިޓީ ކައުންސިލް އިދާރާ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ.
މައުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަޅަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ، ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން މި އަހަރުގެ ކުރީ ކޮޅު ވެސް، ކައުންސިލުން ވަނީ ދަ ގްލޯބަލް ޕަމްޕް 6 ޖީއެސްޓީ ސީ މޫވްމަންގެ ނަމުން ނަން ދެވިފައިވާ ދެ ޕަމްޕު ގެނެސްފައެވެ. އަދި ކައުންސިލްގެ އެދުމުގެ މަތިން އެ ދެ ޕަމްޕު މިހާރު ބަލަހައްޓަމުން އަންނަނީ މިނިސްޓްރީ އޮފް ޑިފެންސުންނެވެ.
ކައުންސިލުން ޑިފެންސް މިނިސްޓްރީއާ ހަވާލުކުރި އެ 2 ޕަންޕަކީ ވެސް، ފެން ގަނގު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެކެވެ. އަދި އެޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެއެވެ.
މި ފަހަކަށް އައިސް މާލޭގައި ފެންބޮޑުވާ މައްސަލައަށް އަންނަނީ ބޮޑުތަނުން ހައްލުވަމުންނެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުން، މާލޭގެ ކާނުތައް ސާފުކުރުމަށް މިހާތާނަށް ކުރެވުނު މަސައްކަތުން 15000 އަށް ވުރެ ގިނަ ކާނު ވަނީ ސާފުކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.
މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކޮށް ނިންމުންކަމަށެވެ.