
މާލޭގައި މީދާ ގިނަވުމުގެ ސަބަބުން، ރައްޔިތުންނަށް ކުރިމަތިވަމުންދާ އުދަގޫތައް ހައްލުކުރުމަށް ޓަކައި، މާލެ ސިޓީ ކައުންސިލުން ހާއްސަ ހަރަކާތެއް މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދުން، މި ހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، މި ހަރަކާތް ފެށީ މާލޭގައި މީދާ ގިނަ ވުމުގެ ސަބަބުން، އާންމު ރައްޔިތުންނަށް އޭގެ އުނދަގޫ އިންތިހާއަށް ކުރިމަތިވަމުން އަންނަ ކަމުގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާތީ ކަމަށެވެ. އަދި މި ހަރަކާތުގައި މީދާތައް މެރުމަށް އެކި ތަންތަނަށް ބޭސް އަޅާނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
މޭޔަރު އާޒިމް މިއަދު ވިދާޅުވީ، މި ހަރަކާތް މިއަދު ލޯކަލް މާރުކޭޓް ސަރަހައްދުގައި ފެށުނު ކަމުގައި ވިޔަސް، ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން މާލޭގެ ސާފުތާހިރުކަން އިތުރުވެ، ރައްޔިތުންނަށް ކުރިމަތިވަމުންދާ، މީދާގެ އުދަގޫތައް ކުޑަވެގެންދާނެކަމަށް ބެލެވޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.

