
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސްކުރުމުގެ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަޖިލީހުން ފާސްކުރި މި ގާނޫނު މިހާރު އޮތް ގޮތުން އަންނަ ބުދަ ދުވަހުގެ ކުރިން އެ ޗާޓާރު އެކުލަވާލައި ފާސްކޮށް އެއަށް އަމަލު ކުރަން ޖެހެ އެވެ.
ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނު ވުޖޫދުވި ދުވަހުގެ ފަހުން ދެ އަހަރަށް އެ މުއްދަތު އިތުރުކުރުމަށެވެ.
އެއާ އެކު، ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި ފާސްކޮށް އަމަލު ކުރަން ޖެހޭނީ ޑިސެމްބަރު 3, 2026ގަ އެވެ.
ފިސްކަލް ޒިންމާގެ ގާނޫނުގެ މަގުސަދަކީ ދައުލަތުގެ ފިސްކަލް ޕޮލިސީ ހިނގާ ނުހިނގާ ގޮތް ބެލުމުގެ ބާރު ރަައްޔިތުންގެ މަޖިލީހަށް ދިނުމެވެ.
އަދި ފިސްކަލް ނިޒާމު ހިންގުމާ ގުޅޭ ގޮތުން ހާސިލު ކުރެވޭ ނަތީޖާތައް މަޖިލިހާ ހިއްސާކޮށް ފިސްކަލް ކަންކަމާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އުސޫލުތައް ބަޔާން ކުރުމަކި ވެސް މަގުސަދެކެވެ.

