
މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން މާދަމާ ރޭ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވަވާ ގޮތަށް ހަމަޖައްސައިފި އެވެ.
މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުންތައް ރައީސް މުއިއްޒު ފެއްޓެވީ ރޭ ވިލިމާލެއިން އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއަދު އެކްސްގައި ވިދާޅުވީ ރައީސް މުއިއްޒު ދެން ބައްދަލުކުރައްވާނީ މައްޗަންގޮޅީގެ ރައްޔިތުންނާ ކަމަށެވެ. އެއީ މާދަމާ ރޭ 20:30ގައި އަމީނިއްޔާ ސްކޫލްގައި ކަމަށް ހީނާ ވިދާޅުވި އެވެ.
“ވީމާ މައްޗަންގޮޅީގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަމެވެ.” ހީނާ އެކްސްގައި އިތުރަށް ވިދާޅުވި އެވެ.
ރޭ ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި އެ އަވަށުގެ ރައްޔިތުން ވަނީ އެކި މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ރައީސްއަށް ދަންނަވާފަ އެވެ.
އޭގެ ތެރެއިން ބައެއް ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ރޭ ވިދާޅުވި އެވެ.
ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު ވެސް ރައީސް މުއިއްޒު ވަނީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުވުންތައް ބާއްވަވައިފަ އެވެ.

