![]()
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުމާއެކު، އާ ޓާމިނަލް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
އޭޕްރަން ބޮޑުކޮށް ރަސްމީކޮށް ހުޅުވުމާއި، އާ ޓާމިނަލް އިމާރާތުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އޮތީ މިއަދު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މިއަދު އޮތް ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަނުގެ އިސްވެރިންނާއި، ޕްރޮޖެކްޓް ޕާޓްނަރުންގެ އިތުރުން ކޮންޓްރެކްޓަރުން ވަނީ ބައިވެރިވެފައެވެ.
އައިލެންޑް އެވިއޭޝަނުން ބުނީ، އަލަށް ހުޅުވި މިބަޔާ އެކު މިހާރު މާފަރު އެއަރޕޯޓުގައި އެއްފަހަރާ 35 ފްލައިޓު ޕާކު ކުރެވޭނެ ކަމަށެވެ. މީގެއިތުރުން މާފަރު އެއަރޕޯޓުގެ ޓަރމިނަލްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް ޓަކައި، އިތުރު ޓަރމިނަލް އިމާރާތެއް ތަރައްގީ ކުރުމުގެ މަސައްކަތުގެ ބިންގާ ވެސް ވަނީ އަޅައިފައެވެ.
ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން 2 ފަންގިފިލައަށް ތަރައްގީކުރާ މިއިމާރާތުގައި 12000 އަކަފޫޓް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި އިމާރާތާ އެކު އިތުރު ލައުންޖުތަކާއި އަދި އޮފީސް އިމާރާތް އިތުރަށް ފުރިހަމަކޮށް ހިދުމަތް މިހާރަށް ވުރެ ފުޅާކުރެވޭނެކަމަށް އައިލެންޑް އެވިއޭޝަނުން ބުނެއެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ދެ ފިޔަވައްސަކަށް ބަހައިލައިގެންނެވެ. އެގޮތުން އެ މަޝްރޫއުތައް ހިންގުމަށް އެހީ ދިނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މެދުވެރިކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިންނެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަގުވާމީ އެއަރލައިންތަކަށް ހިދުމަތްދެމުން ދާ އެއަރޕޯޓެވެ.
