މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ) އާއި އދ. މާމިގިލި / ވިލެޖް، އަޙްމަދު ފިރުޝާން (28އ) އާއި އދ. މާމިގިލި / ރޯޅި، މުޙައްމަދު ޝަހުދު (27އ) އާއި އދ. މާމިގިލި / ކުވައިތު، މުހައްމަދު މަހްމޫދު (34އ) އަދި އދ. މާމިގިލި / އެވަރެސްޓް، އަލީ ޝާނީޒް (39އ) ކަމަށެވެ.
އެ އޮޕަރޭޝަނުގައި އެ 5 މީހުން ހައްޔަރުކޮށް އެމީހުންނާ ގުޅިގެން 7 ތަނެއް ބަލައިފާސްކުރިއިރު، 9.68 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިސްވާން އާއި މަހްމޫދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. އަދި ފިރުޝާން އާއި ޝަހުދުގެ އިތުރުން ޢަލީ ޝާނީޒް ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެ އެވެ.
އެ މައްސަލަ އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.