މާޅޮސްމަޑުލު ދެކުނުބުރީ ”މާމަޑުއްވަރީ” ހިތާދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ”މާމަޑުއްވަރީ” އަކީ ތާރިހަށް ބަލާއިރު ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިގްތިސާދީގޮތުން ފައިދާތަކެއް ހޯދާފައިވާ ރަށެއްކަމަށާ، ނަމަވެސް މިހާރު ޓޫރިޒަމް އެގްރިމަންޓެއްގެ ދަށުން ބަޔަކާ ހަވާލުކުރެވި ގިނަ ދުވަސް ވެފައިވާ ރަށެއް ކަމަށެވެ.
އެއީ އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ހިނގަމުންނުދާ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން އެގްރިމަންޓްގެ ކަންކަން ނިމުމަކަށް ގެނެސް އެރަށް ހިތާދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ހިތާދޫގައި މިއަދުވަނީ، ރަށު ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.
އެއްބަސްވުމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ދެ މަޝްރޫއު ނިމިގެންދާއިރު ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބޭނެކަމަށާއި، ސްކޫލް ހޯލް ނިމޭއިރު، ސްކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމާވާގޮތަށް މި މަޝްރޫއު ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ހިތާދޫގެ ތަރައްގީއަށް ވެވަޑައިގަންނަވާފައިވާ ރިޔާސީ ވައުދުތަކަށް އިޝާރާތްކުރައްވައި، އެވަޢުދުތަކާ ގުޅުންހުރި ގިނަ ދާއިރާތަކުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ހަތަރު ވަޢުދެއް ފުއްދުމުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށެވެ.
އެގޮތުން ސިއްހަތާއި ހަށިހެޔޮކަމާ ގުޅުންހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ ހެލްތު ސެންޓަރު ހެދުމުގެ އެގްރިމަންޓްގައި ސޮއިކުރެވިފައިވާ ކަމަށާއި، އެމަސައްކަތް ނިމޭއިރު ވަސީލަތްތައް ފުރިހަމަކުރުމަށް ޖާގަ ތަނަވަސްވެ، ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ހިދުމަތާއި ޑަޔަލިސިސްގެ ޖިދުމަތްވެސް ލިބޭނެ ކަމަށެވެ.