
މާރާމާރީ ހިންގިއިރު ނުނިދާ ހުރުމުގެ ސަބަބުން ހުރެވުނީ ހަމައިގައި ނޫން ކަމަށް، މާލޭގެ ސެލޫނަކަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކުރި ފުލުސް އޮފިސަރު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
މާލޭގައި ހުންނަ ސެލޫނަކަށް ވަދެ، އެތަނުގައި ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދީ، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މި މައްސަލައިގައި ހައްޔަރު ކުރި ފުލުހަކީ ސ. ހިތަދޫ، އަސަރީވިލާ، އަލީ މަނިކު 43،އެވެ.
ފުލުހުން ބުނީ މި މައްސަލަ ރިޕޯޓު ކުރުމުން ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ވެސް އޭނާ ހުރަސް އަޅައިފައިވާ ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބުނެފައި ވަނީ، އޭނާއަކީ ކުރިން ވެސް އެ ތަނަށްދާ މީހެއް ކަމަށެވެ. އަދި މާރާމާރީ ހިންގިއިރު އޭނާ ހުރީ ގިނަ ދުވަސްތަކެއް ވާންދެން ނުނިދާ ހުރުމުގެ ސަބަބުން ހަމައިގައި ނޫން ކަމަށް ވެސް ބުންޏެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލައިގައި ހައްޔަރުކުރުމާ ގުޅިގެން މިދިޔަ ހޮނިހިރު ފެށިގެން މުސާރަ ނުލިބޭގޮތަށް ވަނީ ސަސްޕެންޑް ކޮށްފައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ސެލޫނަކަށް ގެއްލުންދީ، މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި
މިމައްސަލައިގައި ކޯޓުން ވަނީ އަލީ މަނިކު ފަސް ދުވަހަށް ބަންދު ކުރަން އަމުުރުކޮށްފައެވެ.

