މާލޭގެ މައި މަގު، މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ ކަމަށާއި އެގޮތަށް ނަގާ އުޅަނދުތައް އަލުން ލިބޭނީ ދެ ދުވަސް ފަހުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މަޖީދީމަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ޕާކުކޮށްފައިވާ އުޅަނދު ދުއްވި ފަރާތާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެގޮތަށް ޓޯކުރާ އުޅަނދުތައް ދޫކުރާނީ ދެ ދުވަސް ފަހުން ކަމުގައި ފާހަގަކުރި އެވެ.
ފުލުހުން ބުނި ގޮތުގައި މަޖީދީމަގުން އިއްޔެ 42 އުޅަނދު ޓޯކޮށްފައިވާ ކަމުގަ އެވެ. އެއީ ދެ ފުރޮޅުލީ 37 އުޅަނދާ އަދި ހަތަރު ފުރޮޅުލީ ފަސް އުޅަނދެވެ.
“އުޅަނދުތައް ޕާކުކުރުމަށް ޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރެއްވުމަށް ހާއްސަ ސަމާލު ކަމެއް ދެއްވުން އެދެމެވެ.” އެ ބަޔާނުގައިވެ އެވެ.
ފުލުހުން ވަނީ މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކަށް އާންމުން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.