
މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރޭތީ ބޮޑު މާހެފުމެއް ބާއްވަން ނިންމައިފިއެވެ.
މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ އެ މާހެފުން ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ރޭ 08:30 އިން 11 އަށް މަޖީދިއްޔާ ސްކޫލުގައެވެ.
އެ މާހެފުމުގައި ބައިވެރިވެވެނީ 99 ރުފިޔާގެ ޓިކެޓެއް ގަނެގެން ކަމަށާއި އެ ޓިކެޓް މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
މަޖީދިއްޔާ ސްކޫލަކީ ސަރުކާރު ސްކޫލުތަކުގެ ތެރެއިން ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލެވެ.
“މަދަރަސަތުއް ސަލާހިއްޔާ”ގެ ނަމުގައި ފުރަތަމަ އެ ސްކޫލު ހުޅުވީ 1927ވަނަ އަހަރުއެވެ. މަޖީދިއްޔާގެ ދިގު ތާރީހުގައި އެ ސްކޫލަކީ ފިރިހެން ދަރިވަރުންނަށް ހާއްސަ ސްކޫލެއް ނަމަވެސް 2011 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގައި އަންހެން ދަރިވަރުންނަށް ވެސް ދަނީ ކިޔަވައިދެމުންނެވެ.
އެ ސްކޫލުން ކިޔަވާވަޑައިގެންނެވި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންވެސް ހިމެނިލައްވައެވެ.

