
މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް އެކަށައެޅުމާ ގުޅޭ އިރުޝާދުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރެ އެ ކޮމިޝަންގެ ވެބްސައިޓުގައި މިއަދު އެ ގައިޑްލައިންތައް އާންމުކޮށްފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައު އެ ގައިޑްލައިންތައް ނެރެދެއްވީ މާފުށި ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އާދަމް އެވެ.
އޭސީސީން ބުނީ އެ ގައިޑްލައިތަކުގައި ހިމަނާފައިވާނީ ދައުލަތުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ނިންމާ ނިންމުންތަކާއި ޢަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ހިރާސް ކުޑަކުރުމަށް ފަންނީ ގޮތުން ކަންކަން ކުރާނޭ ގޮތުގެ ބައިނަލްއަގުވާމީ އަސާސްތަކާއި މިންގަނޑުތައް ކަމަށެވެ.
އެ ގައިޑްލައިންތަކުގެ މަގުސަދުތަކުގެ ތެރޭގައި މަސްލަހަތު ފުށުއަރާ ނުވަތަ މަސްލަހަތު ފުށުއަރާފާނެ ހާއްސަ ހާލަތްތަކާއި ހިރާސް ބޮޑު ފަރާތްތައް ދެނެގަނެ ޢަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު އަސާސްތަކާ ގުޅޭގޮތުން އިރުޝާދު ދިނުން ހިމެނޭކަމަށް އޭސީސީން ބުންޏެވެ.
އޭގެ އިތުރުން އިދާރާތަކުން އެ އިދާރާއެއްގެ މަސައްކަތްތަކާއި ބޭނުންތަކަށް ރިއާއަތްކޮށް، މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ކުރެވިދާނެ ކަންތައްތަކާއި ގެންގުޅެންވާނެ މިންގަނޑުތައް ބަޔާންކޮށް، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ ސަގާފަތެއް އިދާރާތަކުގައި ގާއިމުކުރުމަށް ބާރުއަޅައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފަޔާއި އިރުޝާދު ދިނުން ވެސް މަގުސަދުތަކުގެ ތެރޭގައި ކަމަށް އޭސީސީން ބުންޏެވެ.
އެ ގައިޑްލައިންގައި ހިމަނާފައިވާ ލަފާއާއި އިރުޝާދުތަކުގެ ތެރޭގައި މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވައިލުމާއި، މަސްލަހަތު ފުށުއެރުމުގެ ހިރާސް ކުޑަކުރުމަށް މުވައްޒަފުން ހޭލުންތެރިކޮށް ތަމްރީނުކޮށް މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ތަންފީޒުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަމާއި އެފަދަ ނިޒާމުތައް މޮނީޓަރކުރުމާއި މުރާޖާކުރުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތައް ފަދަ ކަންކަމާއި ގުޅޭ މައުލޫމާތު ވަނީ ހިމަނާފައެވެ.

