
މަސްތުވާތަކެތީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން މި އަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް ހާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. މިގޮތުން، ޑްރަގް ރީހެބިލިޓޭޝަން ފަރުވާގެ ތެރޭގައި، ދީނީގޮތުން ފިލާވަޅުތައް ނަގައިދިނުމުގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދާދި ފަހުން ވަނީ ދެއްވާފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން ނޭޝަނަލް ޑްރަގް އެޖެންސީގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މިއަހަރުގެ ތެރޭގައި މަސްތުވާތެކީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
“އަމިއްލަ ފަރާތްތަކަށްވެސް ބައިނަލްއަގުވާމީ މިންގަަނޑުތަކާ އެއްގޮތަށް މި ފަރުވާ ދެވޭނެ ފުރުސަތު ރާއްޖޭގައި ހޯދުން. އެއީ ޕޭ ކޮށްގެންވެސް އެންމެ ކޮލިޓީ ފަރުވާ ބޭނުންވާ ފަރާތްތައް އެބަތިބި. އެހެންނަމަވެސް ސަރުކާރުގެ މި ވަގުތުގެ އިންފްރާސްޓްރަކްޗަރ އަދި އަޅުގަނޑުމެންނަށް އެ ލެވެލްގެ ފަރުވާއެއް ނުދެވޭ. އެހެންވީމަ އަޅުގަނޑުމެން ޕްރައިވެޓް ސެކްޓަރއަށްވެސް މި ހުޅުވާލަނީ އަދި ބޭރުގެ ފަރާތްތަކަށްވެސް މި ހުޅުވާލަނީ ރާއްޖެއަށް އައިސް މި ފަރުވާދޭން” މިނިސްޓަރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ އެންޑީއޭއަށް ހުޅުމާލެއިން ލިބިފައިވާ ބިމުގެ އިތުރުން ގްރީންގެވެސް ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ ޑްރަގަށް މިއޮތް މައްސަލައާ އެއްވަރަށް ހައްލު ގެނައުމަށް ބޭނުންވާ ރިހެބިލިޓޭޝަނަށް ބޭނުންވާ ސެޓަޕް އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި ގެނެސްދޭނަން” މިނިސްޓަރު ވިދާޅުވިއެވެ.
މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން، އެ ތަކެތީގައި ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި، ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ހުކުމްކުރާ ހާލަތުގައި މަރުގެ އަދަބު ދިނުން ހިމެނޭހެން ބޮޑެތި އަދަބުތައް މިހާރު ވަނީ ކަނޑައަޅާފައެވެ.

