މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުން ހައްޔަރުކުރީ މއ. ހިތްތަލަވިލާ، މާލެ، އަހުމަދު ނަޒްމީން (28އ) އެވެ.
ނަޒްމީން ހައްޔަރުކޮށް، އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނުކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން 214 ގުރާމުގެ މަސްތުވާތަކެއްޗާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 16800 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނުނުކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަޒްމީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.