
މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ ހުކުމް އިއްވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ސޮހަބް މިއާގެ މައްޗަށެވެ.
ސޮހަބް މިއާގެ މައްޗަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އުފުލީ 28ޖޫން 2024ގައި ޔޫއެސް ބަންގްލާ އެއާލައިންސްގެ BS337ފްލައިޓުން ރާއްޖެ އައިއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި އެކްސް-ރޭ ކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން، އިތުރަށް ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ލެޕްޓޮޕް ބޭގެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓެއް ފެނުނު މައްސަލައިގައެވެ.
އޭނާގެ އަތުން ފެނުނު އެ ތަކެތި ތަހުލީލު ކުރިއިރު، އެއީ 535.6632ގްރާމްގެ މެތައެމްފަޓަމިން ކަން ވަނީ ކަށަވަރުވެފައެވެ.
މި މައްސަލަ ބެލުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އެއާއެކު، މައްސަލައާ ގުޅިގެން ކުރީގެ މަރުހަލާތަކުގައި ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އޭނާ 23އަހަރާއި 3މަހާއި 25ދުވަހަށް ޖަލަށްލުމަށާއި، 100,000ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

