
މާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ހޯދައި، ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މި ޑިސެންބަރު މަހުގެ 15ވަނަ ދުވަހުއެވެ. ހައްޔަރުކުރި ތިން މީހުންނަކީ ވެސް އިންޑިއާގެ ރައްޔިތުން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27 އަހަރުގެ ޓިނޯ ގަނެސަން، 25 އަހަރުގެ އަރުޖުން ކުއްޕަން އަދި 33 އަހަރުގެ އަނީޝް ޕުޝްޕަކަރަން އެވެ. މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުލުހުން ބުނީ ބަލައިފާސްކުރި މާލޭގެ ދެ އެޕާޓްމަންޓުން ވެސް ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށެވެ. އެގޮތުން، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 12 ފުޅިއާއި، 5 ލީޓަރުގެ 3 ފުޅި އަދި 12 ޓައްޕު ވަނީ ހޯދައިފައެވެ. މީގެ އިތުރުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައް ވެސް މި ތަންތަނުން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން ބިދޭސީން ވަނީ ޑީޕޯޓްކޮށްލުމަށް ޓަކައި އިމިގްރޭޝަނާ ހަވާލުކުރެވިފައެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ ކުރަމުންނެވެ.

