
މަސްތުވާތަކެއްޗާ އެކު ކަނޑުހުޅުދޫން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް އަދި އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ކަނޑުހުޅުދޫ / ސުވާސާގެ، ޙަސަން ސަޢީދު (48އ) ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މި ފެބުރުވަރީ މަހުގެ 20ވަނަ ދުވަހު ކަނޑުހުޅުދޫ މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާތީ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ޙަސަން ސަޢީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ޑުރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

