
މަސްވެރިކަމުގެ ސިނާއަތުގެ ކޮންޓްރޯލާއި ހިންގުމުގެ ހިއްސާ ސައްތައިން ސައްތައަށް ދިވެހި ސަރުކާރަށް އޮންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ދަޅުގައި ބަންދުކުރުން ފަދަ ކަންކަން ބޭރުގެ އިންވެސްޓަރުންނަށް ދޫކޮށްލައިފިނަމަ، މަހުގެ ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ދިވެހިންގެ އަތުން ގޮސްދާނެ ކަމަށެވެ.
އެ ކަމަށް ބޭރު ބަޔަކަށް ބާރޯސާ ވުމަކީ ރަނގަޅު ގޮތަކަށް ނުވެދާނެ ކަމަށް ޔާމިން ވިދާޅުވި އެވެ. އިންވެސްޓަރުން އެ މަސައްކަތް ހުއްޓާލައިފި ނަމަ އަލުން ސަރުކާރުން އެ މަސައްކަތް ކޮޅަށް ޖަހަން ކުރާ މަސައްކަތް ބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“އަޅުގަނޑު ގަބޫލުކުރާގޮތުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަމަ އެންމެ ބޮޑު ހިއްސާދާރަަކަށް ވާންވާނީ ސަރުކާރުން. އެއީ ރާއްޖޭގެ އާންމު ރަށްރަށުގައި ވެސް އާންމު ފަރުދުންގެ ދިރިއުޅުމާ ގުޅިފައި އޮތް ކަމެއް މަސްވެރިކަމަކީ. އެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް ބޭރުގެ މީހުންގެ އަތްމައްޗަށް %100 ދޫކޮށްލައިފިއްޔާ އެ ހިސާބުން އަޅުގަނޑުމެން ދިޔައީ،” ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ ކޮންޓްރޯލާއި ބާރު ނުގެއްލޭ ގޮތަށް ބޭރުގެ އިންވެސްޓަރުންނަށް މަސްވެރިކަމުގެ ދާއިރާއިން ދޫކޮށްލާނެ ކަންކަން ފަހުން އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

