މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ހުޅުމާލެ ފޭސް އެކެއްގެ ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ޒިބްރާ ކްރޮސް އަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް މިއަދު މެންދުރު 14:16 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސު ނޯންނަ ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 59 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެ އަންހެން މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި އޭނާ އަށް ސީރިޔަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވި ސައިކަލު ޓޯކޮށް މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.