މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ހުޅުމާލޭގައި ފަށައިފި އެވެ.
ފުލުހުން ބުނީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް، މިމަހު 16 ވަނަ ދުވަހު ފަށާފައިވަނީ ހުޅުމާލެ ފޭސް 1 ގައި ކަަމަށެވެ. މި ހަރަކާތް ހުޅުމާލެ ފޭސް 2 ގައި މިއަދު ކުރިއަށް ގެންގޮސްފައިވެ އެވެ.
ހުޅުމާލެ އަވައްޓެރި ފުލުހުން ކުރިއަށް ގެންދާ މި ހަރަކާތުގައި، ހެނދުނު އޮފީސްތަކަށާއި ސްކޫލުތަކަށް ދަތުރުކުރާއިރު އަދި އެކި ވަގުތު ތަކުގައި އެކި މަގުތަކަށް ފުލުހުން ނުކުމެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ފޯރުކޮށްދެމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ ހަރަކާތްތަކެއް ހުޅުމާލޭގައި ފަށައިފިhttps://t.co/NjHgPjWE1k pic.twitter.com/wtTBNNxOkw
— Maldives Police (@PoliceMv) July 17, 2025
އަދި އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރު ސިފަކޮށްދީ ތިމާއާއި އަނެކުންގެ ސަލާމަތަށް ބަލައިގެން އުޅަނދު ދުއްވުމަށް ބާރުއަޅައި އެހެން ހުރިހާ އެއްޗަކަށް ވުރެ ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދެމުންދާނެ އެވެ.
މީގެ އިތުރުން، ދުވެލި މަޑުކުރުމަށާއި ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދިނުމަށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ވެސް މައުލޫމާތު ހިއްސާކުރަމުންދާނެ އެވެ. ފުލުހުން ބުނީ އެ ހަރަކާތަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި ސަމާލުކަމެއް ދަނީ ލިބެމުންނެވެ.