
ޓެކްސީގެ ހިދުމަތް ދޭނަމަ މަދުވެގެން 50 ޓެކްސީ އާއި ޑްރައިވަރުން ތިބެން ޖެހޭ ގޮތަށް ޓެކްސީ ގަަވައިދަށް އިސްލާހު ގެނެސްފި އެވެ.
ޓެކްސީ ގަވައިދުގައި އަލަށް ގެނެވުނު އިޞްލާޙުގެ ދަށުން، ގްރޭޓާ މާލެ ސަރަހައްދުގައި ޓެކްސީ ސެންޓަރެއް ރަޖިސްޓަރީ ކުރެވޭނީ މަދުވެގެން 50 އުޅަނދާއި 50 ޑްރައިވަރުން އެ ސެންޓަރެއްގައި ތިބެގެންނެވެ.
ޓެކްސީ ސެންޓަރެއްގައި ހުންނަން ޖެހޭ ގޮތް
މީހުން ދިރިއުޅޭ ތަންތަނާ ވަކިން ވަދެނުކުމެވޭ އޮފީހެއް ހުރުން.
24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށްވާތީ، އޮޕަރޭޓަރުންގެ ޑިއުޓީ ރޯސްޓަރު ފެންނަން ހުރުން.
ޑްރައިވަރުންނާއި އާންމުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ސަރަހައްދެއް އޮފީހުގައި ހުރުން.
ފޯނު އޮޕަރޭޓަރުންނަށް ޚާއްޞަ ވޯކް ސްޓޭޝަންތަކާއި މުވާޞަލާތީ ނިޒާމެއް ގާއިމުކޮށްފައިވުން.
ސެންޓަރުގެ ޝަރުތެއް އުނިވެއްޖެ ނަމަ، އެކަން އިޞްލާޙު ކުރަން 60 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެ މުއްދަތުގައި އިޞްލާޙު ނުކޮށްފި ނަމަ ސެންޓަރުގެ ލައިސަންސް ބާޠިލުވާނެއެވެ.
ޓެކްސީ ސެންޓަރުތަކުން ފޯނު ނަންބަރުގެ އިތުރުން ވެބްސައިޓް، އޮންލައިން ޕޯޓަލް ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުތައް ހަމަޖައްސަން ބޭނުންވާ ނަމަ، މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަން މިހާރު މަޖުބޫރުވާނެއެވެ. ހުއްދަ ނެތި މިފަދަ ވަސީލަތްތައް ބޭނުންކުރުމަކީ މަނާކަމެކެވެ.
މި އިޞްލާޙުގެ ދަށުން ކާރު ޓެކްސީ ޑްރައިވަރުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނީ ގިނަވެގެން 2 ޓެކްސީ ސެންޓަރުގައެވެ. އަދި ކާރު ޓެކްސީ ޑްރައިވަރު ލައިސަންސް ދޫކުރާނީ 250 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. ސެންޓަރެއްގެ ލައިސަންސް ބާޠިލުވާ ހާލަތެއްގައި، އެ ސެންޓަރެއްގައި ތިބި ޑްރައިވަރުން އެހެން ސެންޓަރަކަށް ބަދަލުވާން ހުށަހެޅުމުން 10 ދުވަހުގެ ތެރޭގައި ލައިސަންސް އައުކޮށްދޭންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
މި އިސްލާހުގެ ދަަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ނަމަވެސް އެފަދަ ކުންފުނިތަކުން ހިދުމަތް ދޭންވާނީ މިނިސްޓްރީން ފާސްކުރާ ޕްލޭނެއްގެ ދަށުންނެވެ. މި ޕްލޭންގައި އުޅަނދުގައި ހުންނަ ސަލާމަތީ ވަސީލަތްތަކާއި (ކެމެރާ ފަދަ) ޑްރައިވަރުންގެ ތަމްރީނާއި އަގުތަކުގެ ތަފްސީލު ހިމަނަންޖެހެ އެވެ.

