މައްސަލަ ބޮޑުވެ ތިނަދޫ ސިޓީގައި އަޅަމުންދާ 200 ހައުސިން ޔުނިޓް ދޫކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީގެ ޒިންމާގެ ދަށަށް ބަދަލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިނަދޫގައި ހިންގަމުންދާ ފްލެޓް މަޝްރޫއުއަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ މިފަދަ ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ މީގެކުރިންވެސް މި މިނިސްޓްރީން ފާސްކޮށް ހުއްދަ ލިބިގެންކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެން ނަމަވެސް މިނިސްޓްރީގެ ހުއްދަ ނެތި ތިނަދޫ ސިޓީ ކައުންސިލްއިން މިދިޔަ ޖެނުއަރީ މަހު އެ ފްލެޓްތައް ދޫކުރަން އިއުލާކުރި ކަމަށާއި އެހެންވެ އެ އިއުލާން ބާތިލުކޮށް ފްލެޓްތަައް ލިބޭފަރާތްތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އުސޫލު އެކުލަވާލުމަށްފަހު ފާސްކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅުމަށްވެސް އަންގިކަމަށް މިނިސްޓްރީން ބުންޏެވެެ.
“އެހެންނަމަވެސް، މިއަދާ ހަމައަށް ތިނަދޫ ސިޓީ ކައުންސިލަށް އެންގި އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. އެހެންކަމުން، ތިނަދޫ ސިޓީ ކައުންސިލުން 29 ޖަނަވަރީ 2025 ގައި 200 (ދުއިސައްތަ) ހައުސިންގ ޔުނިޓް ދޫކުރުމަށް ކޮށްފައިވާ އިއުލާންއަކީ މި މިނިސްޓްރީގެ ލަފާ އަދި އެންޑޯސްކުރުމަކާއި ނުލައި ކޮށްފައިވާ އިއުލާނެއް ކަމުގައިވާތީ، މި އިއުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް މި މިނިސްޓްރީން ބަލައިނުގަންނަ ކަމުގައި ދަންނަވަމެވެ.” މިނިސްޓްރީން ބުންޏެވެ.
އެހެންވެ ދެން އެކަމުގައި ޒިންމައާ ހައުސިން މިނިސްޓްރީން ހަވާލުވެފައިވާ ކަމަށާއި އަދި ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމަށްފަހު ވީ އެންމެ އަވަހަކަށް އިއުލާން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.