މުސްލިމް އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިތުރަށް ހަރުދަނާކޮށް، މެމްބަރު ގައުމުތަކުން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ގޮވާލައްވައިފި އެވެ.
ހަލީލް އެގޮތަށް ގޮވާލައްވާފައި ވަނީ އޯއައިސީން ތުރުކިއޭގެ އިސްތަންބުލްގައި ބޭއްވި ފޮރިން މިނިސްޓަރުންގެ ކައުންސިލުގެ 51 ވަނަ ބަައްދަލުވުމުގައި ދެއްވި ތަގުރީރުގަ އެވެ.
އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ވަނީ އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށާ އަދި ސުލްހަ އާއި އިންސާފު ގާއިމުކުރުމަށް އޯއައިސީ ހަރުދަނާކޮށް، މެމްބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
ފަލަސްތީނަށް ކުރިމަތިވެފައިވާ ހާލަތަށް ރިއާޔަތްކޮށް، އިޒްރޭލުން މެދުކެނޑުމެއްނެތި ގާޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވައި އެކަމާ ހަލީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތު ކަމުގައިވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ވަކާލާތު ކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.
އަދި ފަލަސްތީނު މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހަ އާއި އިންސާފު ގާއިމުކުރުމަށް ޒަރޫރީ ކަމެއް ކަމަށާ އަދި މި މަގުސަދު ހާސިލު ކުރުމަށް އޯއައިސީގެ ހުރިހާ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ވެސް ހަލީލް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އެމަނިކުފާނުގެ ތަގުރީރުގައި އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުއްވެރިކުރައްވައި، އިޒްރޭލުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނު ތަންފީޒު ކުރުމަށް ވެސް ގޮވާލެއްވި އެވެ.
ބައްދަލުވުމުގެ ހަވާސާގައި، އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމުގައި ދިވެހި ވަފްދުން ވަނީ ބައިވެރިވެފަ އެވެ.
އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުގެ އެ ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓަރު ހަލީލް ވަނީ ތަޖިކިސްތާނުގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އޯއައިސީގެ ތެރެއިން ގުޅުން ވަރުގަދަކޮށް އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.
ފޮރިން މިނިސްޓަރުންގެ ކައުންސިލުގެ ބައްދަލުވުމަކީ ކޮންމެ އަހަރަކު ވެސް އޯއައިސީގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
އޯއައިސީން ބޭއްވި ފޮރިން މިނިސްޓަރުންގެ ކައުންސިލުގެ 51 ވަނަ ބަައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހަލީލް ތުރުކިއޭއަށް ކުރެއްވި ދަތުރު މިހާރު ވަނީ ނިންމަވާލައްވާފަ އެވެ.
އެ ދަތުރުގައި ފޮރިން މިނިސްޓަރު ހަލީލުގެ އަރިހުގައި ރާއްޖެއިން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަހްމަދު ސަރީރު އާއި ރާއްޖެއިން ތުރުކިއޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް އާއި ޑިރެކްޓަ ފާތިމަތު ރަޒާނާ އަދި ތުރުކިއޭގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލަ އައިޝަތު ރައިހާނާ ބައިވެރިވެވަޑައިގެންނެވި އެވެ.