ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފުތިތާހު ކުުރުމަށް ބާއްވާ ތާރީހީ ޖަލްސާއަށް ސައުދީ އަރަބިއްޔާގެ އިސް ވަފުދުތައް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.
މި އިނީޝިއޭޓިވްއަކީ 2018 ވަނަ އަހަރުން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުން އަންނަ ސައުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވްއެކެވެ. މިއީ ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ ބެއްލެވުމުގެ ދަށުން ހާއްސަ ސަމާލު ކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި މި މަހު ރާއްޖެ ހިމަނައި، ހައްޖުވެރިން ފުރުމުގެ އިންތިޒާމުތަކާއި ތަންފީޒު ކުރުމުގެ ތައްޔާރީތަކަށް އެޑްވާންސް ޓީމެއް މިދިޔަ ހަފުތާގެ ހުކުރު ދުވަހު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މި އިނީޝިއޭޓިވްގެ ދަށުން ކުރަން ޖެހޭ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.
އިނީޝިއޭޓިވް އިފުތިތާހު ކޮށްދެއްވާނީ އަންނަ ހޯމަ ދުވަހު ބާއްވާ ހާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ. އެ ޖަލްސާއަށް ސައުދީގެ ހައްޖު މިނިސްޓްރީ އާއި އިމިގްރޭޝަނާއި ފޮރިން މިނިސްޓްރީ އަދި މައްކާ ރޫޓު އިނީޝިއޭޓިވް ހިމެނޭހެން މަތީ ފެންވަރުގެ 42 ބޭފުޅަކު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ ތެރެއިން ފުރަތަމަ ވަފުދު މިއަދު މެންދުރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެ ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާ އެމްބަސީގެ އިސް ބޭފުޅުންނެވެ.
މީޑިއާތަކާ މިއަދު ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ ވަފުދުގައި އިސްކޮށް ވަޑައިގަންނަވާނީ މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައުދީ ދާހިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒް އަލްޔަހްޔާ ކަމަށެވެ. އެމަނިކުފާނަކީ ވަޒީރު ފެންވަރުގެ ބޭފުޅެކެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ފުރިހަމަ ކުރަންޖެހޭ އަމަލީ މަސައްކަތްތައް ފެށުން.@MakkahRoute #مبادرة_طريق_مكة pic.twitter.com/jkJqBEopOk
— Ministry of Islamic Affairs (@MVIaffairs) May 17, 2025
މި އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުއްވީ ސައުދީ ރަސްގެފާނު ސަލްމާނުގެ ހާއްސަ އިރުޝާދުގެ ދަށުން މި ކަމުގައި ގައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާ ކުރައްވައި ހާއްސަކަން ދެވިގެން ކަމަށް ޝަހީމް ވިދާޅުވި އެވެ. މިއީ ރާއްޖެ އާއި ސައުދީ އާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި އިނީޝިއޭޓިވް އިފުތިތާހުވުމުން މައްކާ ރޫޓުގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަނުގައި ޖިއްދާ އެއާޕޯޓުގައި މަޑުކޮށްގެން އެރައިވަލް ޕާސްޕޯޓު ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން އެއާޕޯޓުގައި މަޑުކުރަން ނުޖެހޭނެ ކަމުގަ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ ކަމަށާއި ލަގެޖް ލިބޭނީ ވެސް ހޮޓަލުން ކަމުގަ އެވެ.
ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ރަސްމީކޮށް އިސްތިގުބާލު ކުރާނެކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ މިއީ އެ އެއާޕޯޓުގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީހީ ފަސޭހަ ކަމެއް ކަމަށެވެ.