
ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.
މަހުލޫފް ޕީއެންސީއަށް ސޮއިކުރީ ޕީއެންސީގެ ވެރިކަމަށް ދެ އަހަރު ފުރުމާ ދިމާކޮށް މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ޖަލްސާގަ އެވެ.
ޕީއެންސީއަށް ސޮއިކުރެއްވުމަށް ފަހު ރަމްޒީ ފޯމު މަހުލޫފް ވަނީ ސްޓޭޖުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފަ އެވެ.
މަހުލޫފް ސިޔާސީ ހަރަކާތްތައް ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޑީއާރުޕީއިން އެވެ. އަދި އޭގެ ފަހުން ޕީޕީއެމްގަ އެވެ.
ނަމަވެސް ވަކި ހިސާބަކުން ޕީޕީއެމް ހަރަކާތްތަކުން ދުރުވެ 2018 ވަނަ އަހަރު ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު މަހުލޫފް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
މަހުލޫފްއާއެކު އިތުރު ބޭފުޅުންވެސް ވަނީ ޕީޕީއެމްއާ ގުޅިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އިމާދު ލަތީފްވެސް ހިމެނިވަޑައިގަންނަވަ އެވެ.

