
ކަންނެލި މަސް ވެސް ހިމެނޭ ގޮތަށް ދިވެހި މަސްވެރިން ބާނާ މަހަށް ބާޒާރުގައި ހަމަ އަގެއް ލިބޭނީ ގޭދޮށު މަސް ޕްލާންޓް ގާއިމު ކޮށްގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދަކީ ރާއްޖޭގައި ފާހަގަކުރާ މަސްވެރިންގެ ދުވަހެވެ. ކަންނެލި މަސްވެރިން ބާނާ މަސް މިފްކޯއިން ގަތުމަކީ ސަރުކާރުގެ ވައުދެއް ނަމަވެސް އެ ވައުދު އަދި ނުފުއްދޭތީ މިއަދު މާލެ ބަނދަރު ކުރިމަތީ ކަންނެލި މަސްވެރިން މުޒާހަރާ ކޮށްފައިވެ އެވެ.
އެކަމާ ގުޅުވައި ނަޝީދު އެކްސްގައި ލިއުއްވީ ޖަޕާނުގެ ސުޝީ ނިގިރީގެ 30 ގްރާމު ޕްރޮސެސް ކޮށްފައި ލިބެން ހުންނަނީ 3 ޑޮލަރަށް ކަމަށެވެ. އެ މަގުން ބެލިއަސް ކަންނެލި ކިލޯއެއް ޕްރޮސެސް ކުރީމައި 3000 ޑޮލަރު ނުވަތަ 60,000 ރުފިޔާ ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ކަންނެލި ކިލޯއެއްގެ އަގަކީ 50 ރުފިޔާ ކަމާއި ހޯނޑެއްދޫ މަސް ފެކްޓަރީގައި 50 ގްރާމް ހުންނަ ޓޫނާ ޖާކީގެ އަގަކީ 55 ރުފިޔާ ކަން ވެސް ނަޝީދުގެ ޕޯސްޓްގައި ފާހަގަކުރެއްވި އެވެ.
“ރޯ މަސް ބޭރުކުރުން މަދުކޮށް ގޭދޮށު މަސްޕްލާންޓް ގާއިމުކުރަންވީ މިހެންވެ,” ނަޝީދު ލިއުއްވާފައިވެ އެވެ.

