
ވޯކް ވިސާގެ ގޮތުގައި މިއަދުންފެށިގެން ބަލާނީ ހަމައެކަނި އީ- ވިސާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އީ-ވިސާ ތައާރަފް ކުރުމާ ގުޅިގެން އެކަންކަމަށް ސަމާލުވުމަށް އެދި އިމިގްރޭޝަނުން ވަނީ މިއަދުން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާ އޮޓޮމެޓިކުން އީ-ވިސާއަށް ބަދަލުވާނެ ކަން އިއުލާނުކޮށްފައެވެ. އެހެން ކަމުން މިއަދުން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާއަކީ ސައްހަ ވިސާއެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ، އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓްގެ މުއްދަތަށް ކަމަށާއި މިއަދުން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އެހެން ކަމުން އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް އެތެރެވުމުގެ ހުއްދަ ދެވޭނީ ދާހިލީ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ “އެންޓްރީ ޕާސް” އެއް އޮވެގެން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

