
ރާއްޖޭގައި ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުމާއި ވިއްކުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޮތީ އަމަލުކުރަން ފަށައިފައެވެ. އެ ގާނޫނުގެ ދަށުން ވޭޕް އެތެރެކުރުމާއި ބޭނުންކުރުމާއި އަދި ވިއްކުން މަނާވެފައިވާ އިރު އެފަދަ ކުށްތައް ކުރާ ފަރާތްތަކާ ދެކޮޅަށް ދަނީ ގާނޫނީ ފިޔަވަޅު ވެސް އަޅަމުންނެވެ.
އެހެން ނަމަވެސް އަދިވެސް ފާޅުގައްޔާއި ސިއްރުގައި ވޭޕް ވިއްކައި ދަނީ ބޭނުންކުރަމުންނެވެ.
ފުލުހުންގެ ހިދުމަތުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކުރި ކަމަށެވެ.
ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 ޑިސެންބަރު 5 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށްފައިވޭ.
ފުލުހުން ހިންގި މި… pic.twitter.com/DtkK4jEwiZ
— Maldives Police (@PoliceMv) December 6, 2025
އަދި އެ އޮޕަރޭޝަނުގައި ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނުނުއިރު އެއް ގޭގެ އެޕާޓްމަންޓަކުން 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
“މީގެ އިތުރުން މިމައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފައި. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން.” ފުލުހުން އިތުރަށް ބުންޏެވެ.
އެ މައްސަލައިގައި ޝާމިލުވާ މީހުންގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
އާ ގާނޫނުގެ ދަށުން ވޭޕް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުގެ މައްޗަށް 50،00 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ. އޭގެ އިތުރުން، އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ހާއްސަކޮށް ކުޑަކުދިންނަށް ވޭޕް ވިއްކުމާއި ހިލޭ ދިނުމުގެ މައްސަލަތަކުގައި ކަނޑައެޅިފައިވާ އާންމު ޖޫރިމަނާގެ އިތުރުން 50،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރާނެކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ. މިއީ ކުޑަކުދިން ވޭޕުން ރައްކާތެރިކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅެކެވެ.

