
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މާ ބޮޑަށް ފިނި ގަދަ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިއަދު ހެނދުނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ވީއައިއޭގެ އޭސީގެ ޓެމްޕަރޭޗާ ބަހައްޓާފައި ހުރީ 15 ޑިގްރީ ސެލްޝިއަސްގައި ކަމަށެވެ. މިއީ ވަރަށް ފިނިގަދަ އަދި އެހާމެ އިސްރާފުކަން ބޮޑު ކަމެއް ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
ނަޝީދު ވިދާޅުވީ އެއާޕޯޓްގެ ފިނި ހޫނުމިން ބަހައްޓަން އެންމެ ރަގަޅީ 20 އާއި 25 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ކަމަށެވެ.
މިއީ ކަރަންޓު ބިލު އިންތިހާޔަށް ބޮޑުވާނެ ކަމެއް ކަމުގައި އެ ޕޯސްޓަށް ކޮމެންޓް ކުރި މީހުން ވެސް ފާހަގަކޮށްފައިވެ އެވެ.
ނަޝީދު އެހެން ވިދާޅުވިއިރު، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކަމަށްވާ މިދިޔަ ޖުލައި 26 ގައި އެއާޕޯޓުގެ އާ ޓާމިނަލް ވަނީ ހުޅުވާފަ އެވެ. އެތަނުގެ އޭސީތައް ވަރަށް ފިނި ކަމަށް އާންމުން ވެސް ފާހަގަކޮށްފައިވެ އެވެ.

