
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރ ޓާމިނަލް އިން ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިންކަމަށްވާ، ޗައިނާ އީސްޓާން އަށް ޚިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސްއަށް ހިދުމަތްދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އީސްޓާން އެއާލައިންސް އޮފީހުގެ ޖެނެރަލް މެނޭޖަރު ލީ ޖިއާ އާއި ވިލާ ޓްރެވެލްސްގެ ސްޓޭޝަން މެނޭޖަރު މުޙައްމަދު ފަޔާޒު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބާރާހިމް ޝަރީފު މުހައްމަދު އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 241 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޗައިނާ އީސްޓާން އެއާލައިންސްގެ ފުރަތަމަ ފްލައިޓް MU235 އިން ރާއްޖެ އައި 227 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ޗައިނާ ސަރުކާރުން ހިންގާ ޗައިނާ އީސްޓާން އެއާލައިންސް އަކީ ޗައިނާގެ އެންމެ ބޮޑު ތިން އެއާލައިންގެ ތެރޭގައި ހިމެނޭ އެއް އެއާލައިނެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ އޭޕްރީލް 28، 2007ގަ އެވެ. މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޗައިނާގެ ހަތަރުވަނަ އެއާލައިނެވެ.
ޗައިނާ އީސްޓާން އެއާލައިންސްއާއެކު އައު ޓާމިނަލުން ޚިދުމަތްދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 30 އަށް އިތުރުވެފައެވެ. އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފެންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.

